މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ‘ސެންޓްރަލް ސެކިއުރިޓީ ކޮމާންޑްގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފި އެވެ.
‘ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް’ އަކީ މުޅިން އަލަށް އެމްއެމްސީ ގައި އުފެއްދި ކޮމާންޑެކެވެ. އެ ކޮމާންޑްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޖަލުތަކުގެ ސެކިއުރިޓީ ކަންތައްތައް ސެންޓްރަލައިޒްކޮށް މޮނީޓަރ ކުރުމާއި ސެކިއުރިޓީ ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
ހުޅުމާލޭ ޖަލުގައި އަލަށް ހަދާ ކަރެކްޝަންސްގެ ހެޑް އޮފީހުގެ އިމާރާތުގައި ގާއިމުކުރި އެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
ހޯމް މިނިސްޓްރީން ބުނީ ސެންޓްރަލް ސީސީޓީވީ މޮނީޓަރިން ރޫމްއިން ހުރިހާ ޖަލެއްގެ ސީސީޓީވީތައް 24 ގަޑިއިރު މޮނީޓާ ކުރެވޭނެ ކަމަށެވެ.
އަދި ސީސީޓީވީ ވީޑިއޯ ފުޓޭޖް ސްޓޯކުރުމަށާއި ވީޑިއޯ އެނަލައިޒްކުރުމަށް ބޭނުންކުރާނީ ބޭނުންކުރަނީ އެކަމަށް ޚާއްސަ ޓެކްނޮލޮޖީ ކަމަށާއި އަދި ގިނަ ކެމެރާތަކެއްގެ ފުޓޭޖް ދިގު މުއްދަތަށް ރައްކާކޮށް، ބޭނުންވާ ފުޓޭޖް ފަސޭހަ އިން ހޯދާލެވޭ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި މުސްތަގްބަލްގައި އެ ސިސްޓަމްއަށް އާޓިފިޝަލް އިންޓެލިޖެންސްވެސް އިންޓަގުރޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ބުންޏެވެ.
“މިފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ޖަލުތަކުގެ ސެކިއުރިޓީ ކުރިއަށްވުރެއް ހަރުދަނާވެ، ޖަލަށް މަނާތަކެތި ވެއްދުން މަދުވެ، ޖަލުތަކުގައި ހިނގާފާނެ ހާދިސާތައް މަދުވެގެންދާނެއެވެ. ހާދިސާއެއް ހިނގައިފިނަމަ، އެކަމަށް އަވަހަށް އެޓެންޑްކުރެވުމާއި އޮފިސަރުން ޒިންމާއުފުލުމުގައި މިހާރަށްވުރެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން ފަދަ ކަންތައްތައް ވެސް ރަނގަޅު ވެގެންދާނެއެވެ.” ހޯމް މިނިސްޓްރީން ބުންޏެވެ.