ތިލަމާލޭ ބްރިޖްގެ ޕައިލިންގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިމިފައިވާ ކޮންސްޓްރަކްޝަން ހައުސްިނ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސް ގައި މުއްތޮލިބު ކުރި ޕޯސްޓެއްގައި ވިދާޅުވީ މަޝްރޫއުގެ އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވި ޕައިލިންގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެގޮތުން 263 ޕައިލް އެއްގަމާއި ކަނޑުމަތީގެ 68 ތަނެއްގައި ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ.
“މި މަރުހަލާ ނިމުމާ އެކު، މަޝްރޫއުގެ %60.84 ވަނީ މިހާރު ނިމިފައި،” އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުކުރީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއު ނިންމަން ފުރަތަމަ އެއްބަސްވީ މިދިޔަ އަހަރަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމެއްގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީހު ފަސްކޮށްފަ އެވެ.
އެ މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކީ 31 މާޗް 2026 އެވެ. ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކީ 30 ސެޕްޓެމްބަރ 2026 އެވެ.