ރ. ފައިނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުޑަކުދިން އިތުރު ފަރުވާއަށް މާލެއަށް ފޮނުވައިފި އެވެ.
އެކްސިޑެންޓުގައި އެ ދެ ކުދިންގެ އިތުރުން ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. ފައިނު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އެ ފަރާތްތަކަށް އިތުރު ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ރޭ ވަނީ ގެންގޮސްފަ އެވެ.
ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ހަސަން ފަޒީލް މިއަދު “ދެން” އަށް ވިދާޅުވީ އަނިޔާ ލިބުނު ދެ ކުދިންނާއި މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުޑަ ދެ ކުދިން ރ. އިފުރު އެއާޕޯޓުން އެއާ އެމްބިއުލާންސްގައި ހެނދުނު 9:45 ހާއިރު މާލެއަށް ފޮނުވާފައިވާ ކަމަށެވެ. ބޮޑު މީހުންގެ ތެރެއިން އެކަކަށް އާސަންދަ ހަމަޖެހިފައިވާ ކަމަށާއި ދަތުރު ކުރެވޭނެ ގޮތް ހަމަޖެހުމާ އެކު ފޮނުވާނެ ކަމަށެވެ.