ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށާ އަދި އާންމުންގެ އިތުބާރު ހޯދުމަށް ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުން މުހިންމު ކަމަށް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ޑީސީޕީ ނަވީން އެހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އިސްކަންދަރުކޮށީގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުއާސަލާތު ކުރުމުގެ ހުނަރުގެ މުހިންމުކަމުގެ މައްޗަށް ނަވީން އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ކޮންމެ ފުލުހަކީ ވެސް ހަރުދަނާ މުއާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުމުގައި އެ ހުނަރުގެ ބޭނުން ހިފާ މީހަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ލީޑަޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަން ޖެހޭ ޒިންމާތަކާއި އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ނަވީން ވިދާޅުވި އެވެ. އޭގެއިތުރުން ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށާ އަދި އާންމުންގެ އިތުބާރު ހޯދުމަށް ޓަކައި ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި ފުލުހުންނަކީ ތަފާތު ގިނަ މަސައްކަތްތައް ކުރަން ޖެހޭ ބަޔަކަށްވާއިރު، ޒިންމާދާރުކަމާ އެކު އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުންގެ ދަށުގައި މަސައްކަތްކުރާ ފުލުހުންނަށް މަގުދައްކައިދީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން އާންމުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެ ކަމުގަ އެވެ.
ފުލުހުންގެ މެދުގައި އޮންނަން ޖެހޭ އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ސަގާފަތް އާލާކޮށް ދެމެހެއްޓުމާއި މަސައްކަތުގެ ވަގުތުގައި ފުރިހަމަ ސަމާލުކަން ދިނުމުގެ އިތުރުން ފަރުވާތެރިކަމާ އެކު މަސައްކަތްތައް ނިންމުމުގެ މުހިންމުކަމުގެ މައްޗަށް ނަވީން އަލިއަޅުއްވާލެއްވި އެވެ.

ޑީސީޕީގެ ވާހަކަ ނިންމަވާލައްވަމުން ކޮންމެ ފުލުހަކު ވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައި ވެސް އަވަހަށް ނިންމުންތައް ނުނިންމުމަށް އިރުޝާދު ދެއްވި އެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް މަދު ނަމަވެސް މިހާރަށް ވުރެ ޒިންމާދާރު ގޮތެއްގައި މަސައްކަތްކުރުމަށް ހުރިހާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ނަވީން ވަނީ ފުލުހުންގެ އިސް އޮފިސަރުންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފަ އެވެ. ހާއްސަކޮށް، ފުލުހުންގެ މަސައްކަތުގެ އަހުލާގާއި ނަޒާހާތްތެރިކަމުގެ މުހިންމުކަމާ އަދި އެކުވެރިކަމާ އެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް ނަވީން އިސް އޮފިސަރުންނާ ބައްދަލުކުރެއްވިއިރު، ފުލުހުން ހިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ބަހާތަކުގެ އިސް މަގާމުތަކަށް އިއްޔެ ވަނީ ބަދަލު ގެނެސްފަ އެވެ. އެ ބަދަލުތަކުގެ ދަށުން ފުލުހުންގެ ނުވަ ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު، ހެޑް އޮފް ޑްރަގް އެންފޯސްމަންޓަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް، ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަނަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހް އަދި ހެޑް އޮފް ކައުންޓަ ނާކޮޓީކްސް އޮޕަރޭޝަންސްއަށް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ފާތިހު މުހައްމަދު ވަނީ ހަމަޖައްސާފަ އެވެ.
ހެޑް އޮފް ތިލަމާލެ ޕޮލިސްއަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، ހެޑް އޮފް ޓްރެފިކް ޕޮލިސްއަށް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހީމް އިމްރާން އަދި ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްއަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު ވަނީ ކަނޑައަޅާފަ އެވެ.
އޭގެ އިތުރުން ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓަށް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ޝަހީމް އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީއަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވަނީ އައްޔަންކޮށްފަ އެވެ.
މި ބަދަލުތައް ގެނެސްފައި ވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެ އެވެ.