ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި އިތުރު 18 ކްލާސް ރޫމް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
އެގޮތުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު އެކެއްގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަހުގެ 26 ވަނަ ދުވަހު ބީލަން ހުޅުވުން އޮންނާނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 21 ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރުފަހު ދޭކަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 121،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައިވެ އެވެ.
ސިންގަޕޫރުގެ ސަރުކާރާއި ސިންގަޕޫރުގެ ރެޑް ކްރޮސް ސޮސައިޓީގެ އެހީގެ ދަށުން އެޅި ޣާޒީ ސްކޫލު ހުޅުވީ 2007 ވަނަ އަހަރު އެވެ.
ސަރުކާާރުން މިހާރު ދަނީ އަތޮޅުތެރޭގެ ސްކޫލުތަކުގައި ވެސް ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެެ.