
މ. ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކަށް ވަދެ، ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި އަހަރުގެ މާރިޗު މަހުގެ 15ވަނަ ދުވަހުގެ ރޭ ހިންގި މި ބޮޑު ވައްކަމުގެ މައްސަލައިގައި ދައުލަތުން ކުށުގެ ދައުވާ އުފުލާފައިވަނީ ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުޙައްމަދު، ސ. މީދޫ މޫންލައިޓްވިލާ މުޙައްމަދު އަފްރާޙް، ރ. މަޑުއްވަރި ދާރުލް އައްވަލް އިސްމާޢީލް ޢާޞިފް، ޅ. ނައިފަރު ކަސްތޫރިމާގެ މުޙައްމަދު ނޫރު އަޙްމަދުގެ އިތުރުން ފާރިސް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފަސް މީހުން ގުޅިގެން ވަނީ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގައި ހުރި ތިޖޫރީތަކަކަށް ގެއްލުންދީފައެވެ. އަދި އެ ތިޖޫރީތަކުގައި ރައްކާކޮށްފައި ހުރި ޖުމްލަ 3,992,000 (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ އެމީހުން ވަނީ ވަގަށް ނަގާފައެވެ. މި ވައްކަމުގެ ދައުވާ ޝަރީއަތަށް ސާބިތުވެއްޖެ ހިނދެއްގައި، ކޮންމެ މީހެއްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ވައްކަންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ފާރިސް، ޖަޒީލު އަދި ނޫރުގެ މައްޗަށް ދައުލަތުން ވަނީ އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެއީ ހުއްދަ ނެތި އެހެން މީހެއްގެ ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އާއި، އެޕާޓްމަންޓުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުންދިނުމުގެ ސަބަބުން އުފުލާފައިވާ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ދެ ދައުވާ ސާބިތުވެއްޖެނަމަ، އިތުރު 8 މަހާއި 48 ދުވަހުގެ ޖަލު ހުކުމެއް އެމީހުންނަށް އަންނާނެއެވެ.
މި މައްސަލައިގައި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ، އޭގެ ހައްގުވެރި ފަރާތަށް އަނބުރާ ހޯދައިދިނުމަށް ވެސް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ.

