
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖެ ނުރައްކާތެރި އަނދަވަޅަކުން ސަލާމަތްކޮށްދެއްވާފައިވާތީ، ކުރީގެ ތިން ރައީސުން އެމަނިކުފާނަށް ޝުކުރުއަދާކުރެއްވުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ގޮވާލައްވައިފިއެވެ.
މީސްމީޑިއާ މަންސަ ‘އެކްސް’ ގައި އާންމުކުރެއްވި ޕޯސްޓެއްގައި ފަލާހު މިފަދައިން ވިދާޅުވެފައި ވަނީ، ދައުލަތުން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ބޮޑު ބައެއް މިދިޔަ އޭޕްރީލް މަހު ދައްކައި ޚަލާޞްކުރުމާ ގުޅިގެން، ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ‘ސީސީ’ އިން ‘ސީސީސީ-‘ އަށް މަތިކުރުމާ ގުޅިގެންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކުރެއްވުމަކީ ރައީސް މުޢިއްޒު ޤައުމަށްޓަކައި ކޮށްދެއްވި ވަރަށް ބޮޑު ޤުރުބާނީއެކެވެ.
ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީންގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުވިދާޅުވަމުން ފަލާހު ތުހުމަތުކުރެއްވި ގޮތުގައި، އެ ބޭފުޅުން ތިއްބެވީ އެ ބޭފުޅުންގެ ވެރިކަމުގައި އުފެއްދެވި ދަރަނިތައް މި ސަރުކާރަށް ނުދެއްކޭނެކަމަށް ހީކުރައްވައިގެންނެވެ. ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ވެރިންގެ އިހުމާލުން ޤައުމު ވެއްޓިފައިވާ ނާޒުކު ފަތްތަރުން އަރައިގަނެ، އަންނަން އޮތް ޖީލުތަކަށްޓަކައި ރާއްޖެ ސަލާމަތްކޮށްދެއްވީތީ މުޅި ރައްޔިތުން މިއަދު ސަރުކާރަށް ޝުކުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުން އުފާފާޅުކުރަމުންދާ މިފަދަ ވަގުތެއްގައި، ޤައުމުގެ ކުރީގެ އެންމެ އިސްވެރިންގެ ކިބައިން ވެސް ތައުރީފުގެ ބަހެއް އިވިގެންދިއުމަކީ އޭނާ އުންމީދުކުރައްވާ ކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ޕޯސްޓު ނިންމަވާލައްވަމުން އޭނާ ވަނީ، ރައީސް މުޢިއްޒަކީ ދިވެހި ޤައުމު މިވަގުތު ބޭނުންވެފައިވާ ފަދަ ހަރުދަނާ، ވަރުގަދަ ލީޑަރެއްކަމަށް ސިފަކުރައްވައި އެމަނިކުފާނަށް ނިހާޔަތަށް ތަޢުރީފުކުރައްވާފައެވެ.

