
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހޯއްދަވާފައި ވަނީ މީގެ ކުރީގެ އެއްވެސް ވެރިކަމަކަށް ހާސިލުކުރެވިފައިނުވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ވަޒީރު މިފަދައިން ވިދާޅުވެފައި ވަނީ، ބިދޭސީން ޤަވާއިދަށް ފެއްތުމަށް ސަރުކާރުން ފަށާފައިވާ “އޮޕަރޭޝަން ކުރަނގި”ގެ ދަށުން ލިބިފައިވާ އީޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި ރައީސް މުޢިއްޒު މީސްމީޑިއާގައި އާންމުކުރެއްވި މައުލޫމާތުތަކަކާ ގުޅިގެންނެވެ. ރައީސްގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވާ ގޮތުން، މިހާރު ރާއްޖޭގައި ހުއްދަ އޮވެގެން މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98އިންސައްތަ މީހުންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ހިމެނޭހެން ބަޔޯމެޓްރިކް މައުލޫމާތު ވަނީ އެއްކުރެވިފައެވެ. މިއީ 17ނޮވެންބަރު 2023ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެންމެ 13އިންސައްތައިގައި އޮތް އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޤައުމީ މަސައްކަތުގެ ކުރިމަގާ ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް 6މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ކަމަށެވެ. މީގެ ބޭނުމަކީ ބިދޭސީންގެ މައްސަލައަށް މުޅިން ނިމުމެއް ގެނެސް، ދާއިމީ ހައްލެއް ޤާއިމުކުރުމެވެ.
ރައީސްގެ މި ބަސްފުޅުތަކަށް ތާއީދުކުރައްވައި ވަޒީރު އިޙްސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ގުޅިގެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކީ މީގެ ކުރީގެ ވެރިކަންތަކަށް ވެސް ހައްލު ނުކުރެވުނު ބޮޑު މައްސަލައަކަށް އިންގިލާބީ ބަދަލެއް ގެނައުން ކަމަށެވެ. އަދި މި އޮޕަރޭޝަން ކާމިޔާބުކުރުމުގައި ޝާމިލުވާ ހޯމް ޓީމާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނަށް ވަޒީރު ވަނީ ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.

