
ވައިޑް-ބޮޑީ މަތިންދާބޯޓުތަކުގެ ސަބަބުން ލިބޭ އެންމެ ބޮޑު މަންފާއަކީ ދަތި އުނދަގޫ ޙާލަތްތަކުގައި ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އުޅަނދުތަކުގެ ބޭނުން ހިފުންކަމަށް، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ އަމީން ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި ހަނގުރާމަތަކުގެ ވަގުތުގައި ދިވެހިންގެ އަމިއްލަ ކޮންޓްރޯލްގެ ދަށުގައި އޮންނަ ބޮޑު ބޯޓެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. މެންބަރު ސުވާލުކުރައްވާފައި ވަނީ މި ބޯޓުތަކުގެ ސަބަބުން ލިބުނު ކުރިއެރުންތަކާއި، އިންޑިއާ އަދި ޗައިނާ ފިޔަވައި އެހެން ޤައުމުތަކަށް ދަތުރުތައް ފަށާނެ ތާރީޚަކާ ގުޅޭގޮތުންނެވެ.
މިކަމުގެ މިސާލެއްގެ ގޮތުން ކޯވިޑް-19ގެ ދަތި ދުވަސްވަރު ވެސް ރާއްޖެއަށް ބޭނުންވި މުހިންމު ބޭސްފަރުވާގެ ސާމާނު ގެނައުމަށް އޭރު އޮތް އެއަރބަސްގެ އެހީތެރިކަން ލިބުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކާ އެއްގޮތަށް ފެށި ވައިޑް-ބޮޑީ އޮޕަރޭޝަނަށް 16 މަސް ވެފައިވާއިރު، މިހާތަނަށް 67،000 މީހުން މި ޚިދުމަތް ހޯދާފައިވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ ތެރޭގައި 55،000 ފަތުރުވެރިން ހިމެނޭއިރު، ޢުމްރާ އަދި ޙައްޖު ދަތުރުތަކުގެ އިތުރުން ޚާއްޞަ ޗާޓަރު ދަތުރުތަކަށް ވެސް މި ބޯޓުތައް ވަނީ ބޭނުންކޮށްފައެވެ.
ދަތުރުކުރާ މަންޒިލްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ޑިމާންޑަށް ބަލައިގެން ސަޢޫދީ ޢަރަބިއްޔާ އާއި، އޮސްޓްރޭލިއާގެ އިތުރުން ޗައިނާގެ ތިން ސިޓީއަކަށް މިހާރު ވެސް ދަތުރުތައް ބާއްވަމުން އަންނަ ކަމަށެވެ. މޯލްޑިވިއަންއިން ބޭނުންކުރާ 264 ގޮނޑީގެ ޖާގައިގެ ބޯޓާ އެކު، ސަރުކާރުގެ އަމާޒަކީ ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ޤައުމީ އެއަރލައިންގެ ފިޔަގަނޑު ފުޅާކުރުމެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، މިއަހަރުގެ ފަހުކޮޅު އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ކުރިއަށްގެންދާކަމަށް ވަނީ މަޢުލޫމާތު ދީފައެވެ. ހަމައެހެންމެ، ވަރަށް އަވަސް މުސްތަޤުބަލެއްގައި ދެކުނު އެފްރިކާއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށް، އެކަމުގެ ތައްޔާރީތައް ވަމުން އަންނަކަން ވެސް ޤައުމީ އެއަރލައިނުން ވަނީ ހާމަކޮށްފައެވެ.

