
ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ އިސްލާމީ މާހައުލަށް އަލިކަމާއި ދިރުން ގެނެސްދޭނެ ބަޔަކީ ތަމްރީނުވަމުންދާ ޒުވާން ޚަތީބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ ނުވަ ގަރުނު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށް، ހަތްސަތޭކައަށްވުރެ ގިނަ ޒުވާނުން ޚަތީބުންގެ ގޮތުގައި ތަމްރީނުވެގެން ދިޔުމަކީ އިސްލާމީ ރޫހު އާލާވެގެންދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މިއީ ޤައުމުގެ މުސްތަޤުބަލަށް ފެންނަ ވަރަށް އުފާވެރި މަންޒަރެއްކަމަށާއި، މިކަމުގެ ސަބަބުން ދީނީ ފިކުރު ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ދީނީ ޢިލްމު ފެތުރުމާއި ދީން ދިފާޢުކުރުމުގައި ޒުވާނުންގެ ހިއްސާ ތާރީޚުގެ ތެރެއިން ފެންނަން އޮތްކަން ބަޔާންކުރައްވަމުން، ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ކުރީގެ ޢިލްމުވެރިން ވެސް ވަރަށް ޅަފަތުގައި ތަޢުލީމު ހާސިލުކުރުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އުމުރުފުޅުން އެގާރަ އަހަރާއި ތޭރަ އަހަރުގައި ރާއްޖެއިން ބޭރަށް ވަޑައިގެން، އުނދަގޫ އަދި ނުރައްކާތެރި ހާލަތްތަކުގައި ވެސް ކިޔެވުން ކުރިއަށް ގެންދެވިކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ޢިލްމު ހޯދުމުގެ ބުރަ މަސައްކަތުގައި ޒުވާން ދުވަސްވަރުގެ މުހިންމުކަން ފާހަގަކުރައްވައި، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަމްރީނުވާ މި ޒުވާނުންނަކީ ދިވެހިންގެ އަޚްލާޤިއްޔާތު ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނީ ކަރާމާތާއި، ސުލްޙަމަސަލަސްކަމާއި އަމާންކަން ދެމެހެއްޓުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްކަމަށް ވީހިނދު، އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޒުވާން ޚަތީބުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

