
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރުން ރުހޭނަމަ، އެ ޕާޓީގެ ވަގުތީ ޗެއަރ ޕަރސަންގެ މަގާމު ފުރުމަށް ޝައުވެރިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
“ގައުމީ މަޖިލީހުގެ މެންބަރުން ގަބޫލުނަމަ، ވަގުތީ ޗެއަރކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،” ރައީސް ނަޝީދުގެ މެސެޖުގައިވެއެވެ.
އެ ގުރޫޕުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް ފަސްކުރުމާ ގުޅޭގަތުން ދެކެވުނު ވާހަކަތަކަށް، އެކި މެންބަރުގެ ޚިޔާލުތައް ހުށަހެޅެމުން ދިޔައެވެ. އެ ގޮތުން ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވަނީ ގަޕޯގެ އިސްތިއުފާއަށް ވެސް ގޮވައިލާފައެވެ. އަދި މީސްމީޑިއާގައި ވެސް ބަހުގެ ހަމަލާތަކެއް މި މައްސަލައާ ގުޅިގެން ވަނީ ދައުރުވެފައެވެ.

