
ޔުމްނު ވެއްޓުނު ހާދިސާގައި އިހުމާލުވި ހާދިސާގައި ފުލުހުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އިހުސާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުންގެ މުވައްސަސާއިން ފަރުވާކުޑަކޮށްފައިވާ ކަމަށް ރިޔާސީ ކޮމިޝަނުން ނިންމައި ފިޔަވަޅު އެޅުމަށް ލަފާދީފައިވާތީ، އެ މުވައްޒަފުންނާމެދު އެޅެންހުރި ފިޔަވަޅުތައް މިހާރު އަޅައި ނިމިފައިވާ ކަމަށެވެ.
ފިޔަވަޅު އެޅުމަކީ ހަމައެކަނި ވަޒީފާއިން ވަކިކުރުން ނުވަތަ ސަސްޕެންޑް ކުރުން އެކަނި ނޫން ކަމަށާއި ޔުނިފޯމް މުވައްސަސާތަކުގައި ތަފާތު މިންގަނޑުތައް ހުންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަލުން ތަމްރީނު ދިނުމާއި މިހާރު ތިބި ޔުނިޓުތަކުން އެހެން ޔުނިޓުތަކަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
”އެހެންވީމާ ދެންނެވި ހާދިސާގެ، އެ އަޅަންޖެހޭ ފިޔަވަޅުތައް މިހާރުވަނީ އަޅާ ނިމިފައި. ސްޕެސިފިކަލީ ކޮންބޭފުޅަކާމެދު ކޮން ފިޔަވަޅެއްތޯ އެ އަޅުގަނޑުމެން ޖެހޭނީ ލިޔުމަކުން ހާމަކޮށްލަން.“ އިހްސާން ވިދާޅުވިއެވެ.
ޔުމްނު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާ ހިނގާފައި ވަނީ މިދިޔަ އަހަރު އޭޕްރީލް 18ވަނަ ދުވަހުގައެވެ. މި ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ކޮމިޝަނެއް ގާއިމްކޮށްފައެވެ. އެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަކީ:
- ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގެ 9ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަދޮރުން ނުވަތަ އެގޭގެ ޓެރަހުން ވައްޓާލުމުން، ފުންމާލުމުން ނުވަތަ އަމިއްލައަށް ވެއްޓުމުން ކަމަށް ބުރަވެވޭ ކަމަށް.
- ހާދިސާ ހިނގި ތަނުގައި ރައުދު އަހްމަދު ފިޔަވައި އެހެން މީހަކު ހުރިކަން އެނގެން ނެތުމުން، މިކަމުގައި ރައުދު ފިޔަވައި އެހެން މީހެއްގެ އަމަލީ ބައިވެރިވުމެއް އޮތް ކަމަކަށް ނުފެންނަ ކަމަށް
- ޔުމްނުގެ ހަށިގަނޑުން ފެންނަންހުރި އަނިޔާތަކަކީ ފުރާޅުމައްޗަށް ވެއްޓުމުގެ ސަބަބުން ލިބިފައިވާ އަނިޔާ އެކަންނި ކަމަށް.
- އަދި އޭނާ ގަދަކަމުން ވައްޓާލަން އުޅުމުގެ އެއްވެސް ނިޝާނެއް މެޑިކަލް ރިކޯޑުތަކުންނާއި ހެކީންގެ ބަހުން އެނގެން ނެތްކަމަށް.

