
މި މަހުގެ 14ވަނަ ދުވަހު އިޓަލީވިލާތުގެ ފަސް ޑައިވަރަކު ވ. އަތޮޅު ކަނޑުގެ އަޑިއަށް ގެއްލުނު ނުރައްކާތެރި ހާދިސާ ތަހުގީގުކުރުމަށްޓަކައި، އެ މީހުން ދަތުރުކުރި “އެމްވީ ޑޫކް އޮފް ޔޯކް” ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކޮށްފިއެވެ.
މި ހިތާމަވެރި ހާދިސާގެ މައުލޫމާތު އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުމާ އެކު، ކަނޑާއި ވައިގެ މަގުން މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ސަފާރީން ފީނަން ފޭބި މީހުންގެ ތެރެއިން ގެއްލިފައި ވަނީ ޑައިވިންގ އިންސްޓްރަކްޓަރަކާއި އިތުރު ހަތަރު ފަތުރުވެރިންނެވެ.
މީގެ ތެރެއިން އެކަކުގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. ފުރާނަނެތް މި ހަށިގަނޑު ފެނިފައި ވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮންނަ ހޮހަޅައެއްގެ ބޭރުންނެވެ.
އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި ބާކީ ތިބި ހަތަރު މީހުން ތާށިވެފައި ވަނީ ދިގުމިނުގައި 200 ފޫޓު ހުންނަ އެ ބޮޑު ހޮހަޅައިގެ އެތެރޭގައެވެ. މިއީ އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ފީނާ މިންގަނޑަށްވުރެ މާ ފުން، އަދި ޚާއްސަ އާލާތްތަކެއް ބޭނުންކޮށްގެން ނޫނީ ވަދެވޭނެ ސަރަހައްދެއް ނޫން ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ. މި ހޮހަޅަ 45 މީޓަރުން ފެށޭއިރު، ނިމުން 60 މީޓަރުގެ އަޑިއަށް ދެމިގެންދެއެވެ. އެހެންކަމުން މިއީ ކޯސްޓްގާޑަށް ވެސް ކުރިމަތިވެފައިވާ ނުހަނު ނުރައްކާތެރި އޮޕަރޭޝަނެކެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ މުޅި ސިނާއަތުގެ ޒިންމާއެއްކަން ހަނދާންކޮށްދެމުން، ކަނޑައެޅިފައިވާ ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ހިތާމަވެރި ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެންމެ ހަރުކަށިކޮށް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.

