
ސަރުކާރުގެ އެކި އިދާރާތަކަށް މެޓިކަލް ސާމާނާއި ބޯފެން ފޯރުކޮށް ދިނުމަށް ފަހު ފައިސާ ނުދައްކާ ކަމަށް ބުނެ ސެންޓަ އެންޓަޕްރައިސަސް އިން ފައިސާ ހޯދަން ހުށަހަޅާފައި ވަނީ އޮޅުވާލައިގެން ކަމަށާ، މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން އޮޑިޓަ ޖެނެރަލް އެދިވަަޑައިގެންފިއެވެ.
އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ މިމަހުގެ 16ވަނަ ދުވަހު ނެރުއްވާފައިވާ 2009-2007ވަނަ އަހަރުގެ ސެންޓަ އެންޓަޕްރައިސަސްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ހިދުމަތްތަކަށް 31.9 މިލިއަން ހޯދަން ހުށަހެޅި ނަމަވެސް ތަކެތި ސަޕްލައިކޮށްދީފައިވާކަން ލިޔެކިިއުންތަކުން އެނގޭކަން ނެތެވެ. މީގެ އިތުރުން ސެންޓަ އެންޓަޕްރައިސަސް އިން ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ހަގީގީ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔެކިއުންތަކެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
އޮޑިޓުގައިވާ ގޮތުން 2008ވަނަ އަހަރު 900 ކަޅު ހަން ފޯރުކޮށްދިންކަމަށް ބުނެ 25.3 މިލިއަން ހޯދަން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައިވާ ޓެންޑަ އިވެލުއޭޝަން ބޯޑުގެ ޕްރޮޖެކްޓް ނަންބަރަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އީއައިއޭ ރިޕޯޓް ތަކެއް އިވެލުއޭޓްކުރުމަށް ކުރިން ބޭނުންކޮށްފައިވާ ނަންބަރެއްކަން ވެސް ވަނީ ހާމަވެފައެވެ. އަދި ކަސްޓަމްސްގެ ރެކޯޑުތަކުން 900 ކަޅު ހަން ރާއްޖެ އެތެރެކޮށްފައި ނުވާކަން އެނގޭކަށްވެސް އެބައޮތެވެ. މީގެ އިތުރުން މި ލިޔެކިޔުންތަކުގައި މިނިސްޓްރީ އޮފް ހެލްތުގައި ދުވަހަކު ވެސް މަސައްކަތްކޮށްފައި ނުވާ މީހުންގެ ނަން ހިމަނާފައިވާ ކަމަށް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2006ވަނަ އަހަރު މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިން ކަމަށް ބުނެ 83,9 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން އެދިފައިވެއެވެ. މި މައްސަލައިގެ ބިޑް އިވެލުއޭޝަން ސަމަރީ ޝީޓްގައި ނަން ހިމަނާފައިވާ ތިން ޑޮކްޓަރުންގެ ތެރެއިން ދެ ޑޮކްޓަރުން އެފަދަ ބިޑެއް އިވެލުއޭޓްކުރުމުގައި އެއްވެސް އިރެއްގައި ބައިވެރިވެފައި ނުވާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އަމިއްލަ ކުންފުންޏެއްގެ ނަމުގައި ހުށަހަޅާފައިވާ އިންވޮއިސްއަކީ އެއްވެސް އިރެއްގައި އެ ކުންފުނިން ޖެނެރޭޓްކޮށްފައިވާ އިންވޮއިސްއެއް ނޫންކަން ވެސް ސާބިތުވާން އެބައޮތެވެ.

