
ލ. ގަމު ތުނޑީ އަވަށަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޒުވާނަކު ރޭ ދަންވަރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް އެ ރަށު ކައުންސިލާއި އާއިލާ ގުޅިގެން ފަށައިފިއެވެ.
ގަމު ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހޯދަމުން ދަނީ އެ ރަށު ތުނޑީ، ކުރިބޯށިގެ، އަމްޖާޒު ޢަލީއެވެ. އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ ދަންވަރު 12:00 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ހޯދުމަށް ފެށި އޮޕަރޭޝަނުގެ ތެރެއިން، އޭނާ ދުއްވި ސައިކަލު މިހާރު ފެނިފައިވާކަމަށާއި އެ ސައިކަލު ފެނިފައި ވަނީ ގަމުގެ ރިވެރީޒް ބީޗް ސަރަހައްދުން ކަމަށެވެ.
އަމްޖާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކޮށް އޭނާގެ އާއިލާގެ ނަންބަރު 9502503 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ކައުންސިލާއި އާއިލާއިން ވަނީ އެދިފައެވެ.

