
ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި، މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަތީބުން އަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި އަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރުމުގެ ތާރީހީ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގައި ބޭއްވި “ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާ”ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެެއް ކަމަށެވެ. އަދި މިއީ ގައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމީ ތާރީހާއި ދިވެހި ތާރީހަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ. މި މޭރުމުން އެމަނިކުފާނު ވަނީ، އިސްލާމީ ތާރީހު ދުށް ޒުވާން ޝަހުސުންގެ ހަނދާނާއި ޒިކުރާ އާކުރައްވާފައެވެ.
ހަމައެއާއެކު، ދިވެހި ތާރީހުގައިވެސް ރާއްޖޭގެ އިލްމުވެރީން، ދީނީ އިލްމު ހޯއްދެވުމަށްޓަކައި ތުއްޕުޅު އުމުރުގައި ގާތްތިމާގެ މީހުންނާއި ގައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ގުރްބާނީތައް، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިލްމަކީ ހިކުމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަސްލަހަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި، ސުލްހަވެރިކަމާއި އަމާންކަން ދަމަހައްޓަން ކަމަށްވާތީ، ޒުވާން ޚަތީބުން ތިމާގެ ދުލާއި ގަލަން ހިންގުމުގައި ހިކްމަތްތެރިކަން އިސްކުރުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.

