
މިއަހަރުގެ ގައުމީ ދުވަހަށް ހއ. އުތީމުގައި ކުރިއަށްދާ ތައްޔާރީތައް ބެއްލެވުމަށާއި، އެ އަތޮޅުގައި ކުރިއަށްދާ ވުޒާރާގެ މުހިންމު މަޝްރޫއުތަކުގެ އަދާހަމަ ބެއްލެވުމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
އިއްޔެ ފެއްޓެވި މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ފަށައިގެން ކުރިއަށްދާ “ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ގައުމީ މަޝްރޫއު”ގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމަށެވެ.
އުތީމު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރަށް ޒީނަތްތެރިކުރުމުގެ ބޮޑު މަޝްރޫއެއްގެ އިތުރުން، ފޯރިގަދަ އަދި ސަގާފީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ. މިއަހަރުގެ ގައުމީ ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 14ވަނަ ދުވަހެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ވަލީދު އެ އަތޮޅު ބާރަށަށާއި ތަކަންދޫއަށް ވަޑައިގަތުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ. އެ ރަށްރަށަށް ވަޑައިގެން ޣާޒީ ބަންޑާރައިންގެ ތާރީހީ ވާހަކަތަކާއި އަސަރުތައް ހިމާޔަތްކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ އަދާހަމަ ބައްލަވާލައްވާނެއެވެ.
އޭގެ އިތުރުން، މި ތިން ރަށުގެ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

