
ތައިލެންޑުގެ ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުން ކަމުގައިވާ އަމީރާ ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން ފްރަ ވަޖިރަކްލައޯޗައޯޔޫހުއާއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އުމުރުފުޅުން 47 އަހަރުގައި އެކަމަނާ އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން ކޯމާއެއްގައި ފަރުވާ ހޯއްދަވަމުން ގެންދެވުމަށް ފަހުގައެވެ. އަމީރާ ބަޖްރަކިތިޔާބާއަކީ ތައިލެންޑުގެ ޤާނޫނުއަސާސީގެ ދަށުން ތަޚުތަށް އިސްވުމުގެ ޝަރުޠު ފުރިހަމަވާ، އަދި އެކަމުގެ ޙައްޤު ލިބިވަޑައިގަންނަވާނެ ކަމަށް ކަނޑައަޅާފައިވާ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަޚްޞިއްޔަތެކެވެ.
ރަސްގެފާނަށް ފޮނުއްވި މެސެޖުގައި ރައީސް މުޢިއްޒު ވަނީ، އަމީރާ އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން އަސަރަކާއެކުކަން ބަޔާންކުރައްވާފައެވެ. އަދި ޚާއްޞަކޮށް ޤާނޫނީ ދާއިރާއާއި ޢަދުލު އިންޞާފުގެ ނިޒާމު ހަރުދަނާކުރެއްވުމަށް އެކަމަނާ ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި، އެއީ ތައިލެންޑުގެ އާންމު ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އޭގެ އިތުރުން، އެކަމަނާގެ އެ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަކީ އަންނަން އޮތް ޖީލުތަކަށް ދޫކުރެއްވި ވަރަށް ފުރިހަމަ ނަމޫނާއެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ދައުލަތާއި ޢާންމު ރައްޔިތުންގެ ނަމުގައި، ތައިލެންޑުގެ ޝާހީ ޢާއިލާއަށާއި އެ ޤައުމުގެ ސަރުކާރާއި އެންމެހައި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ފުން ހިތާމައިން އަރައިގަތުމަށް ބޭނުންވާ ކެތްތެރިކަމާއި ސާބިތުކަން އެ ފަރާތްތަކަށް މިންވަރުކުރެއްވުން އެދިވަޑައިގެންފައެވެ.

