
ތައިލެންޑުން އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް މޯލްޑިވިއަންއިން ދަތުރުވެރިންނަށް އިލްތިމާސްކޮށްފިއެވެ.
މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތައިލެންޑަށް އެތެރެވާ ހުރިހާ ފަރާތްތަކަކަށް އޮންލައިންކޮށް އެރައިވަލް ކާޑު ފުރުމަށް އެ ގައުމުން ވަނީ މަޖުބޫރުކޮށްފައެވެ. މިކަމާ ގުޅިގެން މޯލްޑިވިއަން އިން އާންމުކުރި މެސެޖެއްގައި ބަޔާންކޮށްފައިވާ ގޮތުން، ވައިގެ މަގުން އެ ގައުމަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް ދަތުރުކުރާ ތާރީޚުގެ ތިން ދުވަސް ކުރިން ‘ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު’ ޕޯޓަލް މެދުވެރިކޮށް ދަތުރުގެ މައުލޫމާތުތައް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.
މީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ފޯނުގައި ރައްކާތެރިކުރުމަށް ފަހު، ތައިލެންޑަށް ފޭބުމަށް ފަހު އިމިގްރޭޝަން ކައުންޓަރުން އެ ލިޔުން ދެއްކުމަށް ވެސް ގައުމީ އެއަރލައިނުން ވަނީ ދަތުރުވެރިންނަށް އިރުޝާދު ދީފައެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ގުޅުވައިގެން މޯލްޑިވިއަން އިން އަންނަނީ ބެންކޮކަށް ޚާއްސަ ފެއަރއެއްގެ ދަށުން ސީދާ ދަތުރުތަކެއް ބާއްވަމުންނެވެ. ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު އޮންނަ މި ފްލައިޓުތައް ޖުލައި 12ވަނަ ދުވަހުން ފެށިގެން އޮގަސްޓް 2ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ޖެނުއަރީ މަހުގެ ތެރޭގައި ވެސް މޯލްޑިވިއަން އިން ވަނީ ކުއަލަލަމްޕޫރާއި ބެންކޮކަށް ޗުއްޓީ ދަތުރުތަކެއް ބާއްވާފައެވެ.

