
އިންސާނުންގެ ގުނަވަން ބަދަލުކުރުމާ ގުޅޭ ބިލު ފާސްކޮށްފައިވާ ގޮތުން އެ ތަންފީޒުކުރުމުގައި ޢަމަލީގޮތުން އުނދަގޫތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސަށް ލިބިދޭ އިޚްތިޔާރުގެ ބޭނުންކުރައްވައި މި ބިލު އަނބުރާ ފޮނުއްވާލެއްވީ، މަޖިލީހުން ބިލު ދިރާސާކޮށް ފާސްކުރިއިރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަންބޮޑުވުންތަކެއް ހުރިކަމަށް ރައީސަށް ގަބޫލުފުޅުކުރެއްވޭތީއެވެ. އެހެންކަމުން، ބިލު މިހާރު އޮތް ގޮތް މުރާޖަޢާކޮށް، މުހިންމު އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
20ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 19ވަނަ ޖަލްސާއިން މި ބިލު ފާސްކޮށްފައި ވަނީ ފާއިތުވި މެއި މަހުގެ 14ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަޞްދީޤަކަށް އެދިވަޑައިގެން ރައީސް އޮފީހަށް ފޮނުއްވާފައި ވަނީ އޭގެ ފަސް ދުވަސް ފަހުން، މެއި މަހުގެ 19ވަނަ ދުވަހުއެވެ.

