
ރާއްޖޭގެ ފަހުގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ސާބިތުކަމާ އެކު އަޑުއުފުއްލަވާ ވެރިޔަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބަށް އަލިއަޅުއްވާލައްވަމުން މެމްބަރު ފާހަގަކުރެއްވީ، ރާއްޖެއިން އިސްރާއީލާ އެއްވެސް ގުޅުމެއް ނުބާއްވާނެކަން ރައީސް ސާފުކޮށްދެއްވާފައިވާ ކަމަށެވެ. ފަލަސްތީނުގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ދައުލަތުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން، އިސްރާއީލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ނިންމެވި ނިންމެވުމަކީ އެމަނިކުފާނުގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެއްކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ އެމްޑީޕީ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ އެކު ގާތް ގުޅުންތަކެއް އުފައްދައި، 2011ވަނަ އަހަރު އޭރުގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް އިސްރާއީލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިކަން އޭނާ ހަނދާންކޮށްދެއްވިއެވެ. މިއީ ދިވެހި ތާރީޚުގައި ސަރުކާރުގެ އިސް އޮފިޝަލަކު އެ އަނިޔާވެރި ދައުލަތަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
އެމްޑީޕީ ސަރުކާރުގެ ޒަމާނުގައި ފަލަސްތީނާ މެދު އިހުމާލުވިކަމުގެ މިސާލެއްގެ ގޮތުން، 2011ވަނަ އަހަރު ޔުނެސްކޯގައި ފަލަސްތީނަށް މެމްބަރުކަން ދިނުމަށް ނެގި ވޯޓުގައި ބައިވެރިނުވުމަށްޓަކައި ދިވެހި ވަފުދު ކުއްލި ގޮތަކަށް ޕެރިހުން ފުރައިގެން އައި ހާދިސާ މެމްބަރު ފާހަގަކުރެއްވިއެވެ. އަދި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނަޝީދު ބަލިވެވަޑައިގަތުމުން، ޔަހޫދީ ނޫހެއްކަމަށްވާ ‘ޓައިމްސް އޮފް އިސްރާއީލް’އިން އެމަނިކުފާނަކީ އިސްރާއީލުގެ އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައިވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ނަޝީދުގެ ވެރިކަން 2012ވަނަ އަހަރު ނިމުމަށް ފަހު އައި ސަރުކާރުތަކުން އިސްރާއީލާ އެކު ވެފައިވާ އެއްބަސްވުންތައް ބާތިލުކޮށްފައިވާއިރު، މިއަދު އެމްޑީޕީއާއި ރައީސް ނަޝީދު ފަލަސްތީނަށް ތާއީދުކުރައްވައި ޕޯޑިއަމްތަކުގައި ވާހަކަދެއްކެވި ނަމަވެސް، މާޒީގައި ކަންކުރައްވާފައިވާ ގޮތުން ދިވެހި ރައްޔިތުން އެކަން ގަބޫލުނުކުރާކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ މި ޒަމާނުގައި މާޒީގެ ކަންކަން ފޮރުވައި އޮޅުވާނުލެވޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

