
މި މަހުގެ 21އިން ފެށިގެން މިދިޔަ ހަތަރު ދުވަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21ވަނަ ދުވަހުން ފެށިގެން ވަނީ ޓޫރިޒަމްގެ ޑެއިލީ އެރައިވަލްސް ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ ހަތަރު ދުވަހު 21,368ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އަދި މިމަހުގެ 21ވަނަ ދުވަހު ޑެއިލީ އެރައިވަލްސް 4،000އަށްވުރެ މަތިވިފަހުން އެ އަދަދު ވަނީ މަތިވެގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 24ވަނަ ދުވަހު ރާއްޖެއަށް 5,016ޓޫރިސްޓުން އައިސްފައިވާއިރު، މި އަދަދު 25ވަނަ ދުވަހު ވަނީ 6,091އަށް އިތުރު ވެފައެވެ.
ޓޫރިޒަމް ހިސާބުތަކުން ދައްކާ ގޮތުން މި އިތުރުވުމަކީ އީރާން- އެމެެރިކާ ހަނގުރާމަ ފެށިފަހުން ޓޫރިސްޓުން އަންނަ އަދަދަށް އައި އެންމެ ބޮޑު އިތުރުވުމެވެ.
މި އިތުރުވުން ޓޫރިޒަމަށް ލިބުނުނަމަވެސް މުޅި އަހަރަށް ބަލާއިރު ޓޫރިސްޓުން އަންނަ އަދަދު ވަނީ ދަށްވެފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 2026ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް (ޖެނުއަރީން މޭ މަހުގެ ނިޔަލަށް)ނިމުނުއިރު ރާއްޖެއަށް ޖުމްލަ ޒިޔާރަތްކޮށްފައިވަނީ 907,913ވިޒިޓަރުންނެވެ. މިއީ މިދިޔަ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި 950,518މީހުންނާ އަޅާބަލާއިރު 4.5އިންސައްތައިގެ ދަށްވުމެކެވެ.
މި އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަސް ނިމުނީ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް އުންމީދީ ނަތީޖާއަކާއެކުގައެވެ. ޚާއްޞަކޮށް ފެބުރުއަރީ މަހު ރާއްޖެއަށް 254,556ވިޒިޓަރުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފެބުރުއަރީއާ އަޅާބަލާއިރު 15.7އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، މި ބޫމް މާގިނަ ދުވަހަކަށް ދެމިއެއް ނުއޮތެވެ. މާރިޗު އަދި އެޕްރީލް މަހު ރާއްޖެއަށް އައި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

