
މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވުމަށް ދެ ޙަރަމުގެ މުޝީރުން ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ދަޢުވަތަކަށް، ދިވެހިރާއްޖޭގައި ފާހަގަކުރާ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދުގެ މަންދޫބެއްގެ ހައިސިއްޔަތުން ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރުކަމާއި އަދި ސަޢޫދީ ކެބިނެޓުގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޕްރިންސް މަންޞޫރު، ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅަކީ ސަޢޫދީގެ ބޮޑުވަޒީރު އަދި ވަލީއަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ތަމްސީލުކުރެއްވުމުގެ ގޮތުން ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މައި އެއަރޕޯޓުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ސަރުކާރުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ޕްރިންސިޕަލް ސެކްރެޓަރީ މުޙައްމަދު ނަޞީރެވެ. މީގެ އިތުރުން، ޕްރިންސް މަންޞޫރަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވަނީ ޚާއްޞަ ޝަރަފުގެ ގާޑެއް ވެސް އަރުވާފައެވެ.

