
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ދެ ސަރަހައްދެއްގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ، މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް 2026 ޖުލައި 25ވަނަ ދުވަހުގެ 14:00 ކުރިން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް އަންގާކަމަށާއި 2026 ޖުލައި 26ވަނަ ދުވަހުގެ ފަތިހު 3:45 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށެވެ.
މީގެ އިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން، 2026 ޖުލައި 25ވަނަ ދުވަހުގެ 14:00 ކުރިން ޗާޓުގައި ރަތް ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް އަންގާކަމަށާއި 2026 ޖުލައި 26ވަނަ ދުވަހުގެ 6:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާއި ޓްރެފިކް ފްލޯއަށް ގެނެވޭ މި ބަދަލުގެ ސަބަބުން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުންގެ ޚިދުމަތުން މާފަށް އެދޭ ކަމަށް އެ ބަޔާނުގައިވެއެވެ.

