
މޯލްޑިވްސް އިސްލާމިކް ބޭންކް(އެމްއައިބީ)ގެ ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެ ބޭންކުގެ ފަރާތުން މާލޭގެ އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގުގައި އައު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި އައު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ރިޒާއެވެ. މެދުކެނޑުމެއްނެތި ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ފަރުމާކޮށްފައިވާ މި މެޝިނުން، ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރު ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި މެޝިން ބެހެއްޓިފައިވާ ސަރަޙައްދަކީ ގިނަ އަދަދެއްގެ ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިތުރުން ޖެޓީތައް ވެސް ހިމެނޭ ކާރޫބާރޫ ބޮޑު ހިސާބަކަށް ވުމާ އެކު، އޮފީސްތަކުގެ މުވައްޒަފުންނަށާއި ފަތުރުވެރިންނަށް މީގެ ސަބަބުން ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ބޭންކުން ދެކެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ވިއުގަ ފުޅާކުރުމަށް މިހާރު ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އައު ބްރާންޗުތަކާއި އޭޓީއެމްތައް ގާއިމުކުރުމުގެ މަސައްކަތް އެ ބޭންކުން އަންނަނީ ހަލުވިކަމާ އެކު ކުރަމުންނެވެ.

