
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ، މާދަމާ މެންދުރުފަހުން ފެށިގެން މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިންގޮތުގައި، މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވިއްސާރައިގެ އަސަރު ފޯރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވެއެވެ. މީގެ އިތުރުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ހުޅަނގާއި ހުޅަނގުދެކުނުން ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، ދެކުނުގެ ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.
މިރެއާއި މާދަމާ ހެނދުނުގެ ވަގުތުތަކުގައި ވެސް މުޅި ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވައިބާރުވި ނަމަވެސް، މާދަމާ މެންދުރުފަހަށް އެޅުމާ އެކު ވައި މަޑުވާން ފަށާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ޚާއްޞަކޮށް ކުދި އުޅަނދުތަކުގައި ކަނޑުމައްޗަށް ނުކުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ މުއައްސަސާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

