
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތްކަމަށް ބުނެ، އޭނާ އެ މަގާމުން ދުރުކުރުމަށްޓަކައި ޕީއެންސީން ހުށަހަޅާފައިވާ މައްސަލައިގެ ވޯޓު ނެގުމަށް މާދަމާ ހެނދުނު 9:00 އަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ހަމައެކަނި މަސައްކަތަކީ ނާޒިމް މަގާމުން ވަކިކުރުމަށް ހުށަހެޅިފައިވާ ގަރާރާމެދު ގޮތެއް ނިންމުމެވެ. މި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ފާއިތުވި ހަފުތާގައި އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެގޮތުން، މި ބަހުސަށް ޖުމްލަ އެއް ގަޑިއިރު ދީފައިވާއިރު، އޭގެ ތެރެއިން 50 މިނެޓު މެންބަރުންގެ ބަހުސަށް އަދި ބާކީ 10 މިނެޓު ދިފާޢުގައި ވާހަކަދެއްކެވުމަށް ނާޒިމަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނާޒިމްގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރީ މިދިޔަ މެއި މަހުގެ 13ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ބައްދަލުވުމެއްގައެވެ. އަދި 73 މެންބަރުންގެ ސޮޔާ އެކު އޭނާ މަގާމުން ދުރުކުރުމުގެ ގަރާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރެވޭނީ، އެކަމަށްޓަކައި ބާއްވާ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.

