
މަސްތުވާތަކެތީގެ މައްސަލައާ، އެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތިން މުޅި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުން ލިބިގެންކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ދަ ޕަލްސް” ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން މުޅި ދިވެހި މުޖުތަމަޢު ފަސާދަކުރަމުންދާ މި ނުރައްކާތެރި މައްސަލައަށް އޮތް ސަރުކާރުގެ ތަޞައްވުރު ހާމަކުރައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ބޭރުފުށުން ފެންނަން ހުރި ކަންކަން ވަގުތީގޮތުން ރަނގަޅުކޮށްލައިގެން ފުއްދާލެވެން އޮތް ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މި ކަމުގެ އެންމެ ފުންމިނަށް ގޮސް، އަސްލު މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް ފަރުވާ ހޯދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.
މި ބޮޑު މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި، މަދަނީ ޖަމާޢަތްތަކުގެ އިތުރުން ޢާއިލާތަކުގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޒުވާނުން މި ނުބައި އާދައިގެ ތެރެއަށް ވަނުން ހުއްޓުވުމާއެކު، މިހާރު ވެސް މިކަމުގެ ޝިކާރައަކަށް ވެފައިވާ ކުދިން ސަލާމަތްކޮށް، އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، އަބުރުވެރި ބަޔަކަށް ހެދުމެވެ. އަދި ފަރުވާ ހޯދުމަށް ފަހު އަލުން އަނބުރާ މަސްތުވާތަކެތީގެ ތެރެއަށް ނުދާނެކަން ކަށަވަރުކުރުމަކީ މި ނިޒާމުގެ އެންމެ މުހިންމު އެއް ތަނބުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“މިއަދު ފަރުވާ ހޯދައިގެން ނުކުންނަ ކުއްޖާ އަނބުރާ މަސްތުވާތަކެއްޗަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ.
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ފަރުވާގެ ކަންކަން ބައްޓަންކުރަން ވާނީ ދީނީ އަޤީދާ ވަރުގަދަކޮށް، ނުބައި އަމަލުތަކުން ދުރުހެލިވުމުގެ ޢަޒުމް އާލާކޮށްދޭފަދަ ހަރުދަނާ ބިންގަލެއްގެ މަތީގައިކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަރުވާދޭނެ ޒަމާނީ މަރުކަޒުތަކެއް ތިން ރަށެއްގައި މިހާރު ވެސް އަންނަނީ ތަރައްޤީކުރަމުންނެވެ. އަދި ހަމައެއާ އެކު، ކަމާގުޅޭ މުއައްސަސާތަކުގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް، އެ ތަންތަނަކީ ފުރިހަމަ ވަސީލަތްތަކާ އެކު ޚިދުމަތްދެވޭނެ ތަންތަންކަމުގައި ހެދުމުގެ މަސައްކަތް ސަރުކާރުން މެދުކެނޑުމެއްނެތި ކުރަމުންދާކަން ރައީސް ޑރ. މުޢިއްޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

