
އުއްމީދަކީ ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ހަވަނަ ސިމްޕޯސިއަމް، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ސައިންޓިފިކް ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ގައުމަކަށް، ކަނޑުގެ ދިރުންތަކާ ބެހޭ މައުލޫމާތު މުއްސަނދިކުރުމާ އެއްވަރަށް، ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ގާބިލުކަން އިތުރުކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އުންމީދަކީ ބައިނަލްއަގުވާމީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުން ކަމަށާ އެފަދަ ގުޅުންތަކަކީ ހަމައެކަނި އިލްމު އުނގެނުމަށް އޮތް ފުރުސަތެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުގެ ސައިންސްވެރިންނާއި، ދިރާސާވެރިން އަދި ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ރާއްޖޭގެ އެންމެ ބޮޑު ގުދުރަތީ ރަހުމަތް ކަމުގައިވާ ކަނޑުފަޅުގެ މާހައުލު ރައްކާތެރިކުރުމަށް އަންނާން އޮތް ޖީލުތައް ތައްޔާރުކުރުން ކަމަށެވެ.

