
މާލޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ހެންވޭރުގައި މިހާރު ހިންގަމުން އަންނަ ދަމަނަވެށި މާދަމާއިން ފެށިގެން ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ.
ދަމަނަވެށި ބަންދުކުރި ނަމަވެސް، ރައްޔިތުންނަށް ދަތިނުވާނެހެން އެތަނުން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތައް މާލެ ސަރަހައްދުގެ އެހެން ތިން ތަނަކުން ލިބޭނެ އިންތިޒާމު ސިއްހަތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުން ޚިދުމަތް ލިބޭނެއެވެ. އަދި ހުޅުމާލޭގައި ނަމަ، ހުޅުމާލޭ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ 16ވަނަ ޓަވަރުގައި ހުންނަ ޖީޕީ ކްލިނިކުން މި ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދޭނެއެވެ.
ސަރުކާރުގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން، މި އައު މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ ދަމަނަވެއްޓާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތް ހިމެނޭ ސަރަހައްދުގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ފަސޭހައިން ވާސިލުވެވޭނެ ފުރަތަމަ ގިންތީގެ ސިއްހީ ނިޒާމެއް ކަށަވަރުކޮށްދިނުމެވެ.
އަލަށް ހެދޭ އާބަން ހެލްތު ސެންޓަރުގެ ޚިދުމަތްތައް، މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތަކަށްވުރެ އެތައް ގުނައެއް ފުޅާކުރެވިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި، އާންމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންގެ ލަފާ ހޯދުމުގެ ލުއިފަސޭހަ އިންތިޒާމުތައް ހިމެނެއެވެ. މީގެ އިތުރުން، ޤައުމީ ފެންވަރުގައި ހިންގާ އާންމު ސިއްހަތު ކުރިއެރުވުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.
ކުރިމަގުގައި ހުޅުވިގެންދާ އައު ސެންޓަރުން ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިން ދިނުމަށް ޚާއްސަ ޗައިލްޑް ހެލްތު ކްލިނިކެއްގެ ޚިދުމަތް ވެސް ލިބޭނެއެވެ. ހަމައެއާ އެކު، ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ ކްލިނިކްތަކާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ޚާއްސަ ޕްރޮގްރާމްތައް ވެސް އެތަނުން ފޯރުކޮށްދޭނެއެވެ. މިހާރު ވެސް ދަމަނަވެށިން އަންނަނީ ކުޑަކުދިންނަށް ވެކްސިން ދިނުމާއި، އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި، ބަލިތައް ސްކްރީންކުރުމުގެ އިތުރުން ކައުންސެލިންގ ފަދަ މުހިންމު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

