
ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމު ގެއްލިފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅީ ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށްކަމަށް ވިދާޅުވެ، އަލުން އިންތިޚާބުގައި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބުކުރައްވާނެކަމުގެ ޔަޤީންކަން ޝުޖާޢު ޢަލީ މިއަދު ދެއްވައިފިއެވެ.
އިންތިޚާބުވި ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލަރުންގެ މަޤާމު ގެއްލޭނެކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޝުޖާޢުގެ މަޤާމު ހުސްވެފައިވާކަމަށް ބެލެނިވެރި އިދާރާއިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް، މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝުޖާޢު ވިދާޅުވީ، މިއީ ޤާނޫނުގައި ސީދާ ޙައްލެއް ލިޔެވިފައިނެތް އައު ޙާލަތެއް ކަމަށާއި، އެލްޖީއޭއިން ފިޔަވަޅު އަޅާފައި ވަނީ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރަނގަޅަށް ރިޢާޔަތްނުކޮށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން (އީސީ) ބައި-އިލެކްޝަނަކަށް ގޮވާލައިފިނަމަ، ފަސްޖެހުމެއްނެތި ނުކުމެވަޑައިގެން ރައްޔިތުންގެ ތާއީދާ އެކު އަލުން ކައުންސިލާ ހަވާލުވެވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ޝުޖާޢު، ތިނަދޫ ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. އޭނާ މަޤާމުގެ ހުވާކުރެއްވީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހުއެވެ. އީސީން އެލްޖީއޭއަށް އަންގާފައިވާ ގޮތުގައި، ޝުޖާޢު އެހެން ޕާޓީއެއްގެ ދަފުތަރުގައި ހިމެނިފައި ވަނީ ހުވާކުރެއްވިތާ ދެ ދުވަސް ފަހުންނެވެ. އެހެންނަމަވެސް، މަޢުލޫމާތު ލިބޭގޮތުގައި ދަ ޑިމޮކްރެޓްސް އުވާލަން ނިންމުމާ ގުޅިގެން، އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފޯމު ހުށަހެޅުއްވީ މަޤާމުގެ ހުވާކުރެއްވުމުގެ ވެސް ކުރިންނެވެ.

