
އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ މަޤުޞަދުގައި މާލޭގައި ހިންގާ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މި ކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި މި އައު ފަންގިފިލާ އާންމުންނަށް ހުޅުވާލިއިރު، މިއީ ތަފާތު އެތައް ބްރޭންޑުތަކެއްގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މުދަލުގެ އިތުރުން ‘ޕްރޮކިއަރ ޕްލަސް’ އަދި ‘ޕީކަބޫ’ ފަދަ އަމިއްލަ ކުންފުނިތަކުގެ އުފެއްދުންތައް ވެސް މި ފަންގިފިލާއިން ގަންނަން ލިބެން ހުންނާނެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯއިން ވަނީ ދިވެހި ބާޒާރަށް މުޅިން އައު ދެ ބްރޭންޑެއް ވެސް ތަޢާރަފުކޮށްފައެވެ. އެ ކުންފުނީގެ ޗެއަރޕާސަން އާމިރު މަންޞޫރު ‘ސުންމީ’ ބްރޭންޑުގެ އުފެއްދުންތައް ނެރެދެއްވިއިރު، ‘ފިލިޕްސް’ ބްރޭންޑުގެ އޭސީ މާކެޓަށް ނެރެދެއްވީ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
އަމިއްލަ ވިޔަފާރިތަކަށް ޖާގަދީ، “ހައިޕަމާކެޓް” މޮޑެލްއަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ބަދަލުކޮށް އަލުން ހުޅުވާފައި ވަނީ 2022ވަނަ އަހަރުގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިހާރަތައް ހުޅުވައިގެން އެސްޓީއޯގެ ވިޔަފާރި ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާއިރު، މާލޭގެ މައި ފިހާރައަށް މި ގެނެވުނު ކުރިއެރުމަކީ ކަސްޓަމަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

