
ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމުގެ އަމާޒުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީނިއަރ މެނޭޖްމަންޓުގައި ހިމެނިވަޑައިގަންނަވާ 4ބޭފުޅެއްގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ބޯޑު އޮފް ޑައިރެކްޓަރުންގެ ހުއްދައާއެކު 4އޯގަސްޓް 2026އިން ފެށިގެން އަމަލުކުރަން ފެށި މި ބަދަލުގެ ދަށުން، މި ބޭފުޅުން އަދާކުރައްވާނީ އެ ބޭފުޅުންގެ މިހާރުގެ މަގާމާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކެވެ.
އައިޝަތު ޒަމްރާ ޒާހިރު – ޗީފް ކޮމާޝަލް އޮފިސަރު
މޫސާ ނިމާލް – ޗީފް މާކެޓިންގ އޮފިސަރު
ރަޝްފާ ޖައުފަރު – ޗީފް ރިސްކް އޮފިސަރު
ގެރީ ލޯޓަން – ޗީފް ކްރެޑިޓް އޮފިސަރު
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށާއި، ހުރިހާ ފަންތިއެއްގައިވެސް ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު މީގެން ހާމަވެގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ ބޭންކު މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި ކަމަށާއި، މި ބަދަލުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުން ކަމަށެވެ.
ބީއެމްއެލް އިން ޔަގީންކަންދޭ ގޮތުގައި މިއީ ހަމައެކަނި ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކެކެވެ. އެހެންކަމުން، ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެއްވެސް ޕްރޮޑަކްޓަކަށް ނުވަތަ ޚިދުމަތަކަށް، އަދި މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި އޮނިގަނޑަށް ގެނެވުނު ބަދަލަކީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ބޭންކުން ބުނެއެވެ.

