
ދުނިޔޭގެ ހަމައެކަނި ޕްރިމިއަމް އެއާލައިންގެ ގޮތުގައި ބްރޭންޑްކޮށްފައިވާ “ބިއޯންޑް” އިން ސައުދީ އަރަބިއްޔާގެ ރެޑްސީ އިންޓަނޭޝަނަލް އެއާޕޯޓާއި ވިލާތުގެ މައި ސިޓީތަކާ ގުޅުވާލަން ސޮއިކޮށްފިއެވެ.
ފަންބަރޯ އެއާޝޯ ގައި ސައުދީ ސަރުކާރުގެ އެއަރ ކަނެކްވިޓީ ޕްރޮގްރާމް ކޮމިޓީއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ލަންޑަން އާއި ޕެރިސް އަދި މިއުނިކްގެ އިތުރުން މޮސްކޯ އާއި ޒިއުރިޗުން ރެޑްސީ އެއަޕޯޓަށް ޕްރީމިއަމް ޚިދުމަތްތައް ފުޅާކުރުމުގެ ފުރުސަތުތައް ލިބޭނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބިއޯންޑްގެ ވެރިޔާ ޓޭރޯ ޓާސްކިލާ ވިދާޅުވީ މިއީ އެ އެއަރލައިންގެ ދުރުރާސްތާގެ ފުޅާކުރުމުގެ ސްޓްރީޓީޖީގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރެޑްސީ ޑިވެލޮޕްމަންޓްގެ ވެރިޔާ ޖޯން ޕަގާނޯ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މުހިންމު މާކެޓްތަކުން އެ މަންޒިލަށް ފަސޭހައިން ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ސައުދީ ސަރުކާރުގެ “ވިޝަން 2030″ގެ އަމާޒާ އެއްގޮތްވާގޮތުގެ މަތިން، ގައުމަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް މަގު ފަހިކުރުމަށް ކުރިއަށްގެންދާ މި މަޝްއޫޢުގައި ބިއޯންޑުން ބޭނުންކުރަނީ ލޯ-ޑެންސިޓީ ޕްރީމިއަމް ލޭއައުޓަކަށް ތައްޔާރުކޮށްފައިވާ އެއާބަސް A321 އަދި A319 މަރުކާގެ ބޯޓުތަކެެވެ.
މި ކުންފުންޏަކީ ވައިގެ ދަތުރުފަތުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ސިމްޑީ ކުންފުނީގެ އިސްވެރިން ބައިވެރިވެގެން އުފައްފާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައި އޮފީސް ހުންނަނީ ރާއްޖޭގައެވެ.

