
ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް)ކޮންޓްރޯލް ކުރުމަށްޓަކައި ގުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ގާއިމުކުރި އެ ސެންޓަރު ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލެއްވިއެވެ.
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ ‘މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް’ ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
މި މަޝްރޫޢުގައި ހިމެނޭ “އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް”އެއްބަސްވުމުގައި، މި މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14ޖުލައި 2025ގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
އެގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ހަމަލާދޭ ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް)އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ. މި މަސައްކަތަށް ޚާއްޞަކޮށްގެން ގާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ހުންނާނެއެވެ.

