
ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އުޅޭ ޗައިނާއިން މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %26 އަށް އިތުރުވެއްޖެކަން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމުގެ ރެކޯޑުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޗައިނާއިން 136،459 މީހުން ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ. މިއީ ފާއިތުވި އަހަރުގެ ހަމަ މި ދުވަސްވަރު އެ ޤައުމުން އައި 107،544 ފަތުރުވެރިންނާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ރާއްޖެއަށް ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދެ ޤައުމަކީ 117,052 މީހުންނާއެކު ރަޝިއާ އަދި 76,339 މީހުންނާއެކު އިނގިރޭސިވިލާތެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ ޗައިނާއެވެ. ނަމަވެސް މިއަހަރު ފެށިގެން ފުރަތަމަ ތިން ހަފުތާގެ ތެރޭގައި އެ ޤައުމުން އައި ފަތުރުވެރިންގެ އަދަދުތައް ދަށްވެ، ލިސްޓުގެ ހަވަނައަށް އެ ޤައުމު ވެއްޓުނެވެ. އެހެންނަމަވެސް ފެބްރުއަރީ މަހުގެ 7ވަނަ ދުވަހުން ފެށިގެން ޗައިނާ ވަނީ އަލުން އެއްވަނަ މަގާމަށް ކުރިއަރާފައެވެ.
ވަކިވަކި މާކެޓުތަކުން ކުރިއެރުންތަކެއް ހޯދި ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ކޮންމެވެސް ވަރަކަށް ކޮށްފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 886,545 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރުގެ 935,420 ފަތުރުވެރިންނާ އަޅާބަލާއިރު %5.2 ގެ ދަށްވުމެކެވެ.
ފަތުރުވެރިން އެތެރެވި ބަނދަރުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 861,674 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ މީހުން އެތެރެވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން (3,617) އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން (3,145)ނެވެ
މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ހަ ލައްކައަށްވުރެ ގިނަ މީހުން ޗުއްޓީ ހޭދަކުރުމަށް ރިސޯޓުތައް ޚިޔާރުކޮށްފައިވާއިރު، ދެ ލައްކައަށްވުރެ ގިނަ މީހުން ގެސްޓްހައުސްތަކުގައި އަދި 22,659 އަށްވުރެ ގިނަ މީހުން ވަނީ ހޮޓެލްތަކުގައި ތިބެފައެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު ވެސް 1,284 ތަނެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ރާއްޖޭގެ ޖުމްލަ ބެޑް ކެޕޭސިޓީ އުޅެނީ 67،000 އިން މަތީގައެވެ.

