
ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ އެނގޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީިއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ ބޭސް ލިބުމުގައި ދަތިތަކެއް އެބަ ހުރި ކަމަށާއި މި ދަތިތައް ހައްލުކުރެވޭނީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު މި މަސައްކަތުގެ ދަށުން އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތް ނިމުމުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.
“ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެބަ އިނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން. އެހެންވީމަ އެ ލެވެލްއަށް އަޅުގަނޑުމެންގެ މަސައްކަތް ދެނެގަތުމަށްޓަކައި އަޅުގަނޑު މިދެންނެވި އިލެކްޓްރޯނިކް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ކުރީމަ އަޅުގަނޑުމެންނަށް ނަންބަރސްތައް ދިމާކޮށް، އެތަންތަނަށް ބޭނުންވާ ބޭސް ސްޓޯ ކުރެވޭނެ.” ޑރ. ޝާހް ވިދާޅުވިއެވެ.
ދުރާލާ ރާއްޖެއަށް ބޭނުންވާ ބޭސް ދެނެގަނެވެން ފެށުމުން ދިގު މުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ގެނެސް ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށާއި މިހާރު ޤާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ޤާއިމުކޮށް، ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގައި ހުރި ބޭހާއި އެ ބޭސް ލިބެން ހުރި ތަންތަން ފަސޭހަކަމާ އެކު ވަގުތުން ބަލައިލެވޭނެ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.
ޑރ.ޝާހު ވިދާޅުވީ ރާއްޖޭގައި މިވަގުތު މަދު އަދި ނެތް ކަމަށް ރިޕޯޓްކޮށްފައިވާ ބޭސްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ބޭސް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންދާ ކަމަށާއި މިގޮތަށް ނުލިބި ހުރި ގިނަ އަދަދެއްގެ ބޭސް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ޑރ.ޝާހު ވިދާޅުވީ މި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.

