
މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކޮށް ރައީސް އޮފީހުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު، އާ ޕޮޑްކާސްޓް ސިލްސިލާއެއް ފަށައިފިއެވެ.
“ދަ ޕަލްސް”ގެ ނަމުގައި މިއަދު ގެނެސްދޭން ފެށި އެ ޕޮޑްކާސްޓުގައި ރައީސް މުއިއްޒުއާ އެކު ބައިވެރިވެވަޑައިގަންނަވަނީ އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު)އެވެ. އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް، ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު މެންދުރުފަހު ވަނީ ހިއްސާކޮށްފައެވެ.
ރާއްޖޭގެ ޒިންމާދާރު ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް، އެކްސްލޫސިވް ބަސްދީގަތުމެއް ދެއްވާ ގޮތަށް ކުރިއަށް ގެންދާ އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑްގައި ވަގުތު ނޫހުގެ ފަރާތުން ޔާމީން މުހައްމަދު ބައިވެރިވެވަޑައިގެންނެވި އިރު ރައީސް ވަނީ ނޫސްވެރިޔާކުރެއްވި ސުވާލުތަކަށް ވެސް ޖަވާބުދެއްވައިފައެވެ.
އެ ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ފައްޓަވަމުން، ސަރުކާރުގެ އިސް ތަރުޖަމާނު ވަނީ، “ދަ ޕަލްސް”އަކީ އެވަގުތެއްގައި، ރައްޔިތުންގެ ވިންދު، އެކަމަކާ ގުޅިފައިވާ ކޮންމެވެސް އެއް މައުލޫއެއް ނުވަތަ ކޮންމެވެސް އެއް ދާއިރާއަކަށް އަމާޒުކުރައްވައިގެން، އެކަމަކާ ގުޅޭގޮތުން ރައްޔިތުންގެ ވިންދު ހުރި ގޮތް، ދެނެގަނެވޭތޯ މަސައްކަތްކުރައްވައިގެން، އެކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް، ނުވަތަ އެ ދާއިރާއެއްގައި އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތައް، އަދި އެ ދާއިރާއަކުން ސަރުކާރުގެ މަސައްކަތްތައް ހުރިނެތްގޮތް ހިއްސާކުރެއްވުމަށް އެކުލަވާލެވިފައިވާ ހާއްސަ ޕްރޮގްރާމެއްކަން ފާހަގަކުރައްވައިފައެވެ.

