
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށް އޮތް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުން ތަރުތީބުކޮށް، އިންތިޚާބުގެ އިދާރީ ތައްޔާރީތައް ހަލުވިކަމާއެކު ކުރިއަށް ގެންދަން ފަށައިފިއެވެ.
މި ބައި އިލެކްޝަންގައި ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ވާދަކުރައްވަނީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ)އިން ވާދަކުރައް ވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ.
ނަންތައް ތަރުތީބުކުރުމުން ޕީއެންސީގެ ކެންޑިޑޭޓް ސައިދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު ދެއެކެވެ.
މި އިންތިޚާބުގެ ކަންކަން އޮމާންކަމާ އެކު ގެންދިއުމުގެ ގޮތުން، ވޯޓުލާ ދުވަހުގެ ހަވީރު 4:00 ގެ ކުރިން މަރުކަޒުތަކަށް ހާޒިރުވެ ކިޔުތަކަށް އެރުމަށް އީސީން ވަނީ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

