
ދިވެހިރާއްޖެއިން އަލުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ، ހުމާއެކު ގައިން ރަތް ބިހި ނަގާ މީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމުގެ ބޭނުމުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ޚާއްޞަ ހެލްޕް ޑެސްކެއް ހަދައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޑެސްކު ބަހައްޓާފައި ވަނީ އެ ހޮސްޕިޓަލުގެ ބޮޑެތި މީހުންނަށް ފަރުވާދޭ ކުއްލި ފަރުވާގެ ގޮފީގެ (މެއިން އީއާރު) އެމްބިއުލާންސްތައް މަޑުކުރާ ސަރަޙައްދުގައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް މި ޑެސްކުން ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އެ ވަގުތުގެ ފަހުން، އެފަދަ އަލާމާތްތައް ފެންނަ މީހުންނަށް އެމަޖެންސީގައި އާންމު އުސޫލުން ފަރުވާ ދެމުންގެންދާނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
އައިޖީއެމްއެޗުން ވަނީ، މާބަނޑު މީހުންނާއި ކުޑަކުދިންގެ އިތުރުން ވެސް، ހުމާއެކު ގައިން ރަތް ބިހި ނަގާނަމަ ލަސްނުކޮށް މި ހެލްޕް ޑެސްކަށް ރިޕޯޓުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ. ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، މިފަދަ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށް އަންނައިރު މާސްކު އެޅުމަށާއި، ބަލިމީހާއާ އެކު އަންނަ އެހީތެރިންގެ އަދަދު ވީހާވެސް މަދުކުރުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މިއީ މީގެ ކުރިން ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، މި އަހަރުގެ ތެރޭގައި މިހާތަނަށް 7 މީހަކަށް ހިމަބިހި ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި އެ މީހުންނާ ގާތުން ބައްދަލުވި 74 އަށްވުރެ ގިނަ ފަރާތްތައް ދެނެގަނެވިފައިވާކަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

