ކ. ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.
އެޗްޑީސީން އިއްޔެކުރި އިއުލާނުގައި ބުނީ ތިލަފުށިން 669.3 އަކަފޫޓުގެ ބިމެއް ކްލިނިކް ހިންގަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 17.5 ރުފިޔާގެ ރޭޓުން މަހަކު 11،712.75 ރުފިޔާ ދައްކަން ޖެހެ އެވެ. ތިން އަހަރާއި ފަސް އަހަރާ ދެމެދު ދައްކާނެ ކުލި ހުށަހަޅަން ޖެހޭއިރު، އެ އަގު ހުށަހަޅަން ޖެހެނީ އަކަފޫޓަކަށް ކަނޑައަޅާފައިވާ ރޭޓަށް ވުރެ ކުޑަ ނުވާ ގޮތަށެވެ.
ކްލިނިކުން އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް ދޭން ޖެހޭއިރު، އެމަޖެންސީ ފަރުވާ އާއި ވެކްސިން ޖެހުމާއި ކުދި އަނިޔާތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމާ އަދި ޓެސްޓުތައް ހެދޭނެ ގޮތް ފަހިކޮށްދޭން ޖެހެ އެވެ. އޭގެ އިތުރުން ފާމަސީއަކުން ބޭސް ދޫކުރަން ވެސް ޖެހެ އެވެ.
ކްލިނިކް ތަރައްގީ ކުރަން ގާތްގަނޑަކަށް 435،045 ރުފިޔާ ހޭދަވާނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.
ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ކުރިން ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރު އެވެ. އެ ބައްދަލުވުން ބާއްވާނީ ޒޫމް މެދުވެރިކޮށެވެ.
ބިޑާ ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް [email protected] މެދުވެރިކޮށް މެއި 7 ވަނަ ދުވަހުގެ 2 ގެ ކުރިން ސުވާލު ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ މެއި 22 ވަނަ ދުވަހުގެ މެންދުރުފަހު 1-2 އާ ދެމެދު އެޗްޑީސީގެ މައި އޮފީހަށެވެ.