ޓިކްޓޮކް ލައިވްއަކުން 7 ލައްކައަށް ވުރެ ބޮޑު އެހީއެއް ހޯދައި ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް އާއިލާާއެކު މިރޭ މެލޭޝިއާއަށް ފުރައިފި އެވެ.
މާލޭގެ އިމާރާތަކުން ވެއްޓި ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ޔުމްނު ފެނުނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިސް ވަގުތުގަ އެވެ.
ޝެހެނާޒު މޫސާ ޓިކްޓޮކް ލައިވެއް ފަށައި މާ ގިނައިރުތަކެއް ނުވެ ފަރުވާއަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ހަމަޖައްސާފައިވެ އެވެ.
ޝެހެނާޒު އޭނާގެ ފޭސްބުކްގައި އެންމެ ފަހުން ހޯދުނު ފައިސާގެ ތަފުސީލު ލިޔެފައިވެ އެވެ. އެއީ 565,501.21 ދިވެހި ރުފިޔާ އާއި 11,015.95 އެމެރިކާ ޑޮލަރެވެ. ޖުމުލަ 735,367.16 ދިވެހި ރުފިޔާ އެވެ.
“ދިވެހި ދައުލަތުން ދޭން ބުރަ ބޮޑުވި އަދަދު، ދިވެހި ރައްޔިތުން ނުކުމެ އިންޝާﷲ މި ހޯދީ،” ޝެހެނާޒު ލިޔެފައިވެ އެވެ.
މިރޭގެ ފްލައިޓުން ޔުމްނު މިހާރު ފުރާފައިވާ ކަމަށް އާއިލާއިން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުމުގެ ކުރިން ހ. ފެންޓޯނިއާގޭގައި އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފަ އެވެ. އޭގެ ކުރިން ޔުމްނު ދިޔަ މއ. މާންދޫގޭގައި އޮތް ޕާޓީގައި ޔުމްނުއާއެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ.