މާލޭގެ ހެންވޭރުގައި ފެންޓޯނިއާ ގެއިން ޔުމްނު ރަޝީދު (21އ) ވެއްޓުމުގެ ކުރިން އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލު (21އ) އާ ދެމެދު މައްސަލައެއް ޖެހުނު ކަމަށާއި، ވެެއްޓުނީކަމަށް ބެލެވޭ ކަމަށް ރައުދު ފުލުހުގައި ބުނެފި އެވެ.
ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.
އެ މައްސަލާގައި ރައުދު ހައްޔަރުކޮށްފައިވާއިރު އޭނާއާ ޔުމްނުއާ ދެމިހުން ފެންޓޯނިއާގޭގައި ހަރަކާތްތެރިވާ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ އިއްޔެ ހިއްސާކޮށްފަ އެވެ.
ރައުދުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް މިއަދު ހާޒިރުކޮށްފައިވާއިރު ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުންގެ ދެެމެދު ހަމަނުޖެހުމެއް ހިނގި އެވެ. އެކަމަކު އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
”ތަހުގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި…. އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭކަމަށް މީނާ [ރައުދު] ބުނެފައިވާ ކަމަށް’‘ ކޯޓު އަމުރުގައި ބުންޏެވެ.
އެކަމެއް ހިނގި ރޭ އިތުރު ބަޔަކުވެސް އެ ދެ މީހުންނާ އެކު އުޅުނެވެ. އެކަމަކު އޭގެ ތެރެއިން ހައްޔަރުކުރީ ރައުދު އެކަނި އެވެ. މައްސަލާގައި ދެން ހިމެނޭ މީހުންނަކީ:
- ގ. ނޯތު ބްރީޒް، އައިޝަތު ލަޔާލީ އިގްބާލް (22އ)
- މއ. މާންދޫގޭދެކުނުގެ، އިޒުދިޔާން މުހައްމަދު މައުމޫން (28އ)
- މއ. މާންދޫގޭދެކުނުގެ، ޔޫސުފް އަހްމަދު އަކްރަމް (22އ)
- ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު (28އ)
- މ. ތިލަފަޅު، އާމިނަތު ޖުނައިނާ ޖަމްޝީދު (24އ)
- ނ. ވެލިދޫ، އަލި، ހުސައިން ހަމީސް އަލީ (28އ)
- ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، އޭޕްރީލް، އިޖާޒް ޖާއިޒް (24އ)
މި މީހުން ފުރުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.