މާލޭގެ ހެންވޭރުގައި ހުންނަ ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރު ނުކުރީ ގާނޫނުގައިވާ މުއްދަތުގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ނުފޮނުވިދާނެތީ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.
އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.
މައްސަލައިގެ ތަހުގީގުގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެސްގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެ ޒުވާނާ ވެއްޓިފައި އޮތް ފުރާޅަށް މީހަކު ވެއްޓޭނީ ކޮން އިމާރާތަކުންތޯ ބަލައި، ޖެހިގެން ހުރި ގޭގެ ފުޓޭޖުތައް ހޯދައިގެން ބަލާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެ ފުޓޭޖުތަކުން ޒުވާނާ އާއި ރައުދު އަހްމަދު ޒިލާލް (21އ) އެ ގޭގެ ތެރޭގައި އުޅޭ މަންޒަރު ފެނިފައިވާ ކަމަށެވެ.
ކަމާ ގުޅުންހުރި ހޯދުންތަކުން އެ މީހުން އިތުރު ހަތް މީހަކާ އެކު އެ ރޭ 12:00 ހާއިރު، މއ. މާންދޫގޭދެކުނުގެއަށް ވަންނަ މަންޒަރު ފެނިފައިވާ ކަމަށެވެ. އެ އެންމެން ދެނެގަނެ، ބަޔާން ނަގާފައިވާ ކަމަށެވެ.
މައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުނުކުރާ ސަބަބަށް އަލިއަޅުއްވާ ޝުޖާއު ވިދާޅުވި ގޮތުގައި މައްސަލަތަކާ ގުޅިގެން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތަކެއް ހުންނަ ކަމުގަ އެވެ. ބައެއް ފަހަރު ސީނުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން އުޅޭ ތަން ބަލައި ފާސްކުރުމަށް ފަހު ހެކިތަކާ އެކު މީހުން ހައްޔަރުކުރާ ކަމުގަ އެވެ.
“އަޅުގަނޑުމެން ފުލުހުންނަށް ހާއްސަ ގާނޫނަކުން ފިޔަވައި، ހާއްސަ ގާނޫނަކުން އަޅުގަނޑުމެން ހައްޔަރުކުރާ މީހުންނަށް، ހައްޔަރުކޮށްގެން އަޅުގަނޑުމެންނަށް އެބަ ލިބޭ މައްސަލަ ނިންމަން މުއްދަތެއް. އާންމުކޮށް މި ހުންނަ މައްސަލަތަކުގައި މީހަކު ހައްޔަރު ކުރުމަށް ފަހު އަޅުގަނޑުމެންނަށް މި ލިބެނީ އެންމެ 30 ދުވަސް،” ޝުޖާއު ވިދާޅުވި އެވެ.
އެ މުއްދަތުގެ ތެރޭގައި މައްސަލަ އާ ގުޅުންހުރި ހެކިތައް ހޯދާފައި ޕީޖީ އޮފީހަށް ނުފޮނުވޭ ނަމަ ފުލުހުންގެ އަތުން މައްސަލަ ގެއްލިގެންދާ ކަމުގައި ފާހަގަކުރެއްވި އެވެ.
“އެ 30 ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް އެ ހުރިހާ ހެއްކެއް ހޯދާފައި ޕީޖީ ނުކުރެވިއްޖެއްޔާމުން އެނގިލައްވާނެ އެ މައްސަލަ އަޅުގަނޑުމެން އަތުން ފޭލުވެގެން އެބަދޭ،” ޝުޖާއު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ތަހުގީގީ ނަޒަރަކުން ބަލާއިރު، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ކަންކަން ކަމާ ގުޅުންހުރި ފަރާތްތަކުން ނަގާފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ހުރި ނަމަ ނުވަތަ މީހަކު ހައްޔަރުކުރަން ޖެހޭ ހާލަތެއް އައިސްފި ނަމަ އެކަމެއް ކުރާނެ ކަމަށެވެ.
އެ މީހުން އެ ރޭ ވަދެފައިވާ ގެތައް ފާސްކުރުމުގެ އަމުރު މިހާރު ލިބިފައިވާ ކަމަށާ އަދި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެ މީހުން ރާއްޖެއިން ފުރުން މަނާކޮށްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި އިމާރާތުން ވެއްޓުނު ޒުވާނާ އާއެކު އުޅުނު މީހުންނާ އަދި މާންދޫގޭދެކުނުގެއަށް ވަންނަ މަންޒަރު ފެނިފައިވާ މީހުންނާ އޮތް ގުޅުމާއި އޭގެ ކުރިން ކަންކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ވަކި ތަހުގީގެއް ކުރަން ޖެހޭ ކަމުގަ އެވެ. އެކަން ފުލުހުން މިހާރު ކުރަމުންދާ ކަމުގަ އެވެ.