ހޯމް މިނިސްޓަރު އަލީ އިހުސާން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން ތާވަލުކޮށްފި އެވެ.
މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަނީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.
މީކާއީލްގެ ސުވާލަކީ، ޕީއެންސީއަށް ފުރި ސައްހަ ނޫން ފޯމުތަކެއްގައި ހެކިންގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގަން ހަވާލުކޮށްފައިވާ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ސޮއިކުރުމުން ފިޔަވަޅުތަކެއް އެޅިތޯ އެވެ.
ވެރިކަންކުރާ ޕީއެންސީއަށް 75،000 މެންބަރުން ހަމަކުރުމަށް ހިންގި ކެމްޕެއިނުގައި ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން 1،000އަށްވުރެ ގިނަ ފޯމު ގެންދިޔަ އެވެ.
ޕީއެންސީއަށް ސައްހަ ނޫން ފޯމުތަކެއް ފުރާފައިހުރިކަން ފެންމަތިވީ އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން ވެސް ޕީއެންސީގެ ދަފްތަރުގައި އޮތް ކަން ފެންމަތިވެގެނެވެ.
އޭގެ ފަހުގައި ޑީއެންއާރުގެ މީޓިން ރޫމުގައި ޕީއެންސީއަށް ފޯމުތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށް، ސައްހަ ނޫން ފޯމުތަކާއި އެ މަސައްކަތާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަން ފެށި އެވެ.
އެ މައްސަލާގައި މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީން މަޖިލީހަށް ވެއްދި އެވެ. މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވެސް ކުރުވި އެވެ. ނަމަވެސް ސަރުކާރުގެ މެޖޯރިޓީން އެ މައްސަލަ ފެއިލްކޮށްލި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާއިރު މި މަހު މިހާތަނަށް އެންމެ ހަތަރު ޖަލްސާ ބޭއްވުމުން މަޖިލިސް ނުހިނގާ ކަމަށް ވިދާޅުވެ މީކާއީލް މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައިވެ އެވެ.