މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިހް ޑރ. ސަލާހުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފި އެވެ.
އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޝީލަތުއްޝައިޚް މުގައްމަދު ލަތީފްގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ. އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފަ އެވެ.
ސަލާހުލްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހްސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ސަލާހުލް، މިނިސްޓަރު ޝަހީމްއާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައި އެވެ. އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ހަމަޖެހިފައިވެ އެވެ.
ސަލާހުލް، 23 އޭޕްރިލް ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މައްރިބް ނަމާދާއި އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން 24 އޭޕްރިލް ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ސަލާހުލް އެވެ. އަދި އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީވެސް އެމަނިކުފާނެވެ.