ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަައި ޕްރިފެރެންޝަލް ވޯޓަކުން ސަރުކާރެއް އެކުލަވާލުމަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ވެސް އެއީކަން މިފަހުން ވަނީ ހާމަކުރައްވާފަ އެވެ.
މިދިޔަ ބުދަ ދުވަހު މުލިއާގޭގައި މަޖިލިސް މެމްބަރުންނާ އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަށާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި އެއްކޮށްލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް މި އަހަރު ދާއިރު މެމްބަރުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕްރިފެރެންޝަލް ވޯޓާ އެކު ނަމަ އެއްބުރުން ވޯޓުލާ ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
“ޕްރިފެރެންޝަލް ވޯޓާ އެކު ނަމަ އެއްބުރުން ވޯޓުލާ ނިންމާ ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް އަޅުގަނޑު ވެސް ދެކެން،” ނަޝީދު ވިދާޅުވި އެވެ.
ދެވަނަ ބުރު އުވާލައި، ފުރަތަމަ ބުރުގެ ވޯޓުން ރައީސަކު އިންތިހާބުކުރާއިރު ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނެތި ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭ ގޮތަށް ހެދުމާ ދެކޮޅަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ. ޝުއޫރު ފާޅުކުރި ގިނަ މީހުން ވެސް ބުނި ގޮތުގައި އެ ގޮތަށް ބަދަލުކުރާ ނަމަ އެންމެ ރަނގަޅު ވާނީ ޕްރިފެރެންޝަލް ވޯޓިން އެވެ.
މި ބަހުސް ސޯޝަލް މީޑިއާގައި ގަދަވެފައި ވަނިކޮށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން އަބްދުއްލަތީފް އެކްސްގައި ލިޔުއްވީ “ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް ތައާރަފުކުރުން،” ކަމަށެވެ.
ރައީސްގެ ބައެއް އަރިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ މީހުން ވެސް މިހާރު ގެންދަނީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް ގެންނަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގަމުންނެވެ.
ކަމާ ގުޅިގެން ނަޝީދު ފިޔަވައި މިހާތަނަށް ކުރީގެ ރައީސުން ކުރެ އެއްވެސް ބޭފުޅަކު ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.
ޕްރިފެރެންޝަލް ވޯޓިން ސިސްޓަމަކީ ކޮބައި؟
ޕްރިފެރެންޝަލް ވޯޓިން ނިޒާމުތަކުގައި ވޯޓުލާ ގޮތަކީ ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު ރޭންކްކޮށްގެން ވޯޓުލުމެވެ. ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް ޖަހައިގެން ރޭޓް ކޮށްގެންނެވެ.
މި ނިޒާމުގައި ވެސް 50 ޕަސެންޓް ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެ އެވެ.
އޭގައި އަމަލުކުރާ ގޮތަކީ 50 ޕަސެންޓް ރައްޔިތުން “އެކެއް” ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ، ދެން ބަލާނީ “ދޭއް” ރޭޓިން ދިން ގޮތަށެެވެ. “ދޭއް” ރޭޓިން ގުނަން ފަށާނީ “އެކެއް” ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދަކަށް ކެންޑިޑޭޓުން ނުލަ އެވެ. “ދޭއް” ރޭޓިންއަށް ފަހު ވެސް 50 ޕަސެންޓް ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން ފާހަގަކުރި އުސޫލުން ހަމަ ކުރިއަށް ދާނެ އެވެ.