ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ ސިފައިންގެ މަގުމަތީ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.
މާދަމާ ހަވީރު 04:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސް އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެ ކަމަށެވެ. އަދި ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ވެސް ކުރާނެ ކަމަށް ބުންްޏެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ (2025 އޭޕްރީލް 19 ވަނަ ދުވަހު)، މާލޭގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ.https://t.co/nEvNgyg8FN pic.twitter.com/Ux7gfbNVNW
— Maldives National Defence Force (@MNDF_Official) April 18, 2025
ހިނގާލުމުގައި ލަޝްކަރު ހުއްޓާ ސަރަހައްދުތަކަކީ، އަމީރު އަހުމަދުމަގު، ރައީސް އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ހިދުމަތްތައް ދައްކުވައިދޭނެއެވެ.