ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ(އައިޔޫއެމް)ގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު ޢައްޔަނުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްގު ނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބަލައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖި) އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އައިޔޫއެމްގެ ކުރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޑރ. އިބްރާހިމް ސަމީރު،ނަރުގިސްވިލާ / ތ.ތިމަރަފުށި) އަދި އެ ޔުނިވަސިޓީގެ ކުރީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ އަލީ ރަޝީދު (ގުލްބަކާގެ/ ބ.އޭދަފުށި) ގެ މައްޗަށެވެ.
ސިސްޓަމް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކުރީ 05 ނޮވެންބަރު 2017 ގައެވެ. އެހެން ނަމަވެސް އެ މަގާމަށް ހޮވީ ފޯމު ހުށަަހެޅި ފަރާތަކީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށް އޭސީސީން ބުންނެވެ، އަދި އެ އިއުލާނުގައި ބަޔާންކޮށްފައިވާ އެ މަގާމަށް ޝަރުޠު ހަމަވާ ތައުލީމީ ސެޓްފިކެޓެއް އަދި ޝަރުތު ހަމަވާ ތަޖުރިބާގެ ލިޔުމެއްވެސް، އެފަރާތުން ހުށަހަޅާފައި ނުވާކަން ވެސް އޭސީސީން ފާހަގަ ކުރި އެވެ.
“އެ އިއުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ އާރު2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލާ ހިލާފަށެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓްދީ، އެފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް ހޯދިފައިވެއެވެ.” އޭސީސީން މިރޭ ޝާއިއުކުރި ހަބަރުގައި ބުނެފައި ވެއެވެ.
އެހެންވެެ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި ދެ މީހުންގެ މައްޗަށް ދެ ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައި ވެއެވެ. އޭގެ ތެރޭގައި
- ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ