މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ރިޕޯޓުގައި މުހިންމު މައުލޫމާތުތައް ނުހިމެނޭތީ އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޒަކިއްޔާގެ އާއިލާގެ މެމްބަރުންތަކެއް ހިމެނޭ ގޮތުން މަރުގެ މައްސަލާގައި އިންސާފު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވާޗުއަލް އޮޓޮޕްސީގެ މައުލޫމާތު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެ ސިޓީއަަށް މިހާތަނަށް މިނިސްޓްރީގެ ފަރާތުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އެދުމުގެ މަތިން މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާޗުއަލް އޮޓޮޕްސީއެއް ކަމަށް ފުލުހުން ބުނާ ޑޮކިއުމަންޓެއް ބައްދަލުވުމަށް ގެނައި ނަމަވެސް ޑޮކިއުމަންޓް އޮތީ އިނގިރޭސި ބަހުން ކަމަށާ އަދި ބައްދަލުވުމުގައި ފުލުހުން މައުލޫމާތު ދިނީ ދިވެހި ބަހުން ތަރުޖަމާކޮށްފައިވާ ކަމަށް ފަރާތުން ބުނާ އެއްޗަކަށް ބައްލައިގެން ކަމަށް ޝަޒިއްޔާ ބުންޏެވެ.
“އެ ޑޮކިއުމަންޓް ފުލުހުންގެ އަތުގައި ބޭއްވުމަށް ފަހު ފޮޓޯ ހިމެނޭ ސަފްހާތައް މަތިމަތިން ދުރުން ބަލާލުމުގެ ފުރުސަތު ލިބުނެވެ. މިގޮތުން ފެނުނު މިންވަރަށް ބަލާއިރު، އެ ޑޮކިއުމަންޓަކީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ މެޑިކަލް ރިސާޗް ޔުނިވަސިޓީ ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަރާތުން ހޯދާފައިވާ ބައެއް ޖަވާބުތަކެއް ހިމެނޭ ކަރުދާހެއްކަން ސާފުވި އެވެ.”
ޝަޒިއްޔާ ބުނި ގޮތުގައި އެ ރިޕޯޓުގެ ފުރަތަމަ ސަފްހާ އާއި ފަހު ސަފްހާ ފެނިފައި ނުވާ ކަމުގަ އެވެ. އެހެންވެ ރިޕޯޓުގައި ސޮއިކުރީ ކޮންބައެއްކަން އެނގިފައި ނުވާ ކަމުގަ އެވެ.
“ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން ސާފުކުރި މައުލޫމާތު އެނގުނު ގޮތުގައި މަތީގައިވާ ސުރުހީގައި ވާޗުއަލް އޮޓޮޕްސީ ރިޕޯޓު ބަޔާން ކުރުމުގެ ބަދަލުގައި އޮތީ އެކްޕާޓް އޮޕީނިއަން ކަމަށް ފުލުހުންގެ ފަރާތުން އެނގުނެވެ.”
ރިޕޯޓުގައި ހިމެނޭ ކަމަށް ފުލުހުން ދެއްކި ވާހަކަތަކާ ގުޅިގެން އާއިލާގެ ފަރާތުން ކުރި ބައެއް ސުވާލުތަކަށް
ދިން ޖަވާބުން އެ ޑޮކިއުމަންޓުން ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައި ވަނީ ކޮޅަށް ހުރެގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެގެންކަން ސާފު ނުވާ ކަމަށް އެނގޭ ކަމުގަ އެވެ. އަދި ލިބިފައިވާ ޒަހަމްތަކުގެ ފުންމިން ފަދަ މުހިންމު މައުލޫމާތުތައް ރިޕޯޓުން އެނގެން ނެތް ކަމުގައި ޝަޒިއްޔާ ފާހަގަކުރި އެވެ.
އާއިލާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ ރިޕޯޓުގައި ހިމެނޭ 4 ގަނޑު ފޮޓޯއަކީ ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ. ޒަކިއްޔާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތްއިރު، އެ ޑޮކިއުމަންޓުގައި އޮތީ އާންމު އުސޫލުން ރިޕޯޓެއް އޮންނަ ފޯމެޓަށް ނޫން ކަމަށެވެ.